(http://www.kavaasaa.com/dheen/fahuge-massla/hadhu-fahanaalhaa-vaahaka-dhakkama.html) |
ޢަރަބި ދެބަހެއް
އެކުވެގެންއުފެދިފައިވާ މިބަހުގެ ލަފުޒީ މާނައަކީ ދީނަށް ހުރުމައްތެރިކޮށް
ނުހިތުން ނޫނީ ދީނެއް ގަބޫލުނުކުރުމެވެެ. މިއަކީއެއްވެސް ހާލެއްގައި ތަރައްގީގެ
ޝިޢާރެއް، އުފާފާގަތިކަމުގެ ޝުޢޫރެއް ނޫނެވެ. އިސްލާމް ދީނުގައި އެއްއަޚަކު އަނެއް
އަޚާ ކާފަރުކުރުމެއްނޯވެއެވެ. ވީމާ މިއަކީ އިސްލާމީ މުޖުތަމައެއްގަ އެއްއަޚަކު އަނެއްއަޚަކައް
ބޭނުންކޮއްގެން ވާނެބަހެއްވެސްނޫނެވެ. ނޫނީ ބޭނުންކުރުން އެދެވިގެންވާ
ބަހެއްނޫނެވެ.
ނަމަވެސް މިބަސްވެފައިވަނީ
އަޅުގަނޑުމެންގެ މިމުޖުތަމައުގައި ވަރައް އާންމުބަހަކަށެވެ. ޚާއްސަކޮށް
ސިޔާސީމައިދާނުގައި ސިޔާސީ ވަކިފިކުރެއްގެ ބަޔަކަށް ނިސްބަތް ކޮށެވެ. ދައްކާނެ ހަރުދަނާ ސިޔާސީވާހަކައެއް،
ހުށައަޅާނެ އުންމީދީ ތަރައްގީގެ
ތަސައްވުރެއް ނެތީމަ، ދީނަށްލޯބިކުރާ ބައެއްގެ
ހިތުގަ ނަފުރަތު އުފެއްދުމަށް ދައްކާ ވާހަކައެއް ކަމުގަނޫނީ ނުވާނެއެވެ. އޭރުގަވެސް
ދީން ހަތިޔާރަކަށް
ހަދާ ރައްޔިތުން ފިއްތީއެވެ. މިއަދުވެސް ކުރެވޭތޯ މިއުޅެނީ އެއްކަމެކެވެ.
ރަސޫލާގެ ސުންނަތަށް ޖޯކުޖަހައި
ފުރައްސާރަކުރުން
ޕީޕީއެމްގެ 30 އަހަރުވީ ސަރުކާރުގައި
ރާއްޖޭގައި އޮންނަނީ ޝާފީ މަޡްހަބޭ ކިޔައި ތުނބުޅި ދިގުކޮށް ބޮޑުބުރުގާ އަޅާ ރަސޫލާގެ ސުންނަތުގަ
އުޅޭ އަޚުންނާއި އުޚްތުންނަށް ދީންހިމާޔަތްކުރުމުގެ ނަމުގައި ސަރުކާރުން
ފުރައްސާރަކޮށް ވަޒީފާނުދީ ޖޯކުޖެހިއެވެ. ޝާފީ މަޡްހަބުގަ ފިރިހެނާ ތުނބުޅި
ބަހައްޓައި އަންހެނާ ބުރުގާއެޅުމެއް ނޯވޭތޯއެވެ؟ ނަމާދުކުރާއިރު ހަރަންބަންނަ
ތަނާއި އެހެނިހެން ހަރަކާއްތަކަށް ފާޅުގައި ސަރުކާރުން ޖޯކުޖެހިއެވެ. ރަސޫލާގެ
ސުންނަތަށް ޖޯކުޖެހުންކަމުގައި މިކަންކަން ނުވޭތޯއެވެ؟ ސަރުކާރުން ބޭނުންވާ ގޮތްނޫން
ގޮތްގޮތައް، ބޭނުންވާ މިންވަރަށްވުރެ އިތުރަށް، ބޭނުންވާ މަޢުލޫތައްނޫން
އެހެންމަޢުލޫތަކަށް ދީނީ ނަސޭހަތް ދެއްވައި އުޅުއްވި ދީނީ ޢިލްމުވެރިން ހައްޔަރުކޮށް
ޖަލަށްލައި ބޮޑެތި އަނިޔާތައް ދެވިފަވެއެވެ. ޝައިޚް ފަރީދު، އިދުރީސް އަދި އެތައް
ބައިވަރު ނަންތަކެއް މިލިސްޓް ގައި ހިމެނިދާނެއެވެ. ދީނަށް ލޯބިކޮށް
ދީންކުރިއެރުވުމަށް ހިންގައި އުޅުނު އެކިއެކި ޖަމިއްޔާ ޖަމާޢަތް ތަކަށްވެސް
މިއުނދަގޫ ޖެއްސިއެވެ. މިގޮތުން 'މުސްލިމުންގެ ގުޅުން' ފަދަޖަމިއްޔާގެ
މަސްއޫލުވެރިންނަށްފާރަލައި ހައްޔަރުކޮށް ހަދާފައިވެއެވެ. ސުންނަތް ދިރުވާ
އާލާކުރަން އުޅޭ އަޚުންނާއި އުޚްތުންނަށް ނަފުރަތުކޮށް ޖެއްސުންކުރުމަކީ ހަމަސުންނަތަށް
ނަފުރަތުކުރުމެވެ. ބަޔާންވެމިދިޔަފަދަ އަނިޔާތަކެއް އެމްޑީޕީގެ 3 އަހަރުވީ
ސަރުކާރުގަ ބަޔަކަށް، ނޫނީ ދީނަށް ދިންކަމެއް އަޅުގަނޑު ނުދެނަހުރީމެވެ. ވީއިރު
ލާދީނީ ވެގެން މިއުޅެވެނީ ކޮންބަޔަކަށް ބާވައެވެ.
ދީނާ ގުޅުންހުރި މުހިންމު
ބައެއްކަންކަން
ޕީޕީއެމްގެ 30 އަހަރުވީ ސަރުކާރުން
ދެކޭ ގޮތުގައި އަންހެން ކަނބަލުންގެ ކަރުވަޅުފަދަ ތަންތަނަކީ ހިލޭފިރިހެނުންގެ
ކުރިމަތީގައި އައުރައެއްނޫނެވެ. ވީމާ ބުރުގާއަޅާކަށްނުޖެހޭނެއެވެ. ޚާއްސަކޮށް
ރާއްޖެފަދަ ހޫނުގަދަ ގައުމުތަކުގައެވެ. މިކަން ރައްޔިތުންނަށް
ވިސްނައިދިނުމަށްޓަކައި އައިމިނާވަދޫދު ކިޔާ މާމޮޅު ދީނީ އެއްތޯ ލާދީނީ
ޢިލްމުވެރިޔަކު ގެނެސް މަސައްކަތްތަކެއްކުރިއެވެ. ދުވަސްކޮޅަކުން ލިބުނީ ދެޖިންސް
އެއްކޮއްގެން އިމާމުވެހުރެ މީނާ ނަމާދުކުރި ޚަބަރެވެ. މިޔޮއްބޮޑު ދުނިޔޭންވެސް ސައްތައިންސައްތަ
އިސްލާމީގައުމަކަށް ދީނީ ނަސޭހަތްދޭން މިނޫން މީހަކުގެންނަން ނޭގުނީ
ކީއްވެބާވައެވެ؟ ލާދީނީ ކިޔުން އެންމެއެދެވިގެންވަނީ މިކަންކަމަކަށް ނޫންތޯއެވެ؟
30 އަހަރުނިމިދިޔައިރު އިސްލާމީ
ޝަރީޢަތް މީއޮތްއެއްޗެއް ކަމެއްވެސް ނުދެނަހުއްޓެވެ. ވެރިކަން ހަމަނިމިދިޔަތަނާ
މީހުން މެރުމާ(ވަކިހާލައްތަކެއްގަ) އަތްކެނޑުން މީ އިސްލާމީ ޝަރީޢަތައްވެ
މިކަންނުކޮއްފިނަމަ ލާދީނީ ވީއެވެ. އޭރުވެސް މިހާރުވެސް އިސްލާމީ ޝަރީޢަތް އޮތީއެއްގޮތަކަށެވެ.
ވީމާ އެކަންނުކުރާބަޔަކު ލާދީނީވާނީވެސް ހަމައެއްވަރަކަށްނޫން ތޯއެވެ؟
ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ދިވެހި
ނޫންއެހެންބަހަކުން ލިޔަންކިޔަން ދަންނަބައެއްނޫނެވެ. ވީމާ ޤުރުއާނާއި ހަދީޡް އަދި
ވެސް ދީނީ އެކިއެކި ކަންކަމާގުޅޭ މުހިންމު ފޮތްތަކުގެ ދިވެހި ތަރުޖަމާ ލިބެން
ހުރުން ވަރައްމުހިންމެވެ. އަދި މިކަމަކީ ވަރަށްގިނަ ދިވެހިން އެދިއެދި
ތިބިކަމެއްވެސް މެއެވެ. ނަމަވެސް މިއިންއެއްވެސް ކަމަކީ ޕީޕީއެމްގެ އެބުނާ ދީން
ކުރިއަރުވާ ހިމާޔަތް ކުރަން އުޅޭ ސަރުކާރުން، އާދެ 30 އަހަރުވީ ސަރުކާރުން
އިސްކަން ދިން ކަންކަމެއްނޫނެވެ. ޤުރުއާނުގެ ދިވެހި ތަރުޖަމާއެއް ނެރެވޭވަރުވީ
އެކަމައް ވަޢުދުވިތާ 28 ހަކަށް އަހަރުފަހުންނެވެ. އެއީވެސް އެންމެ ފަހުދައުރުގެ
ރިޔާސީ އިންތިޚާބާ ދިމާކޮށް ސިޔާސީބޭނުމަކަށް އަވަސް އަރުވާލައިގެން ނެވެ. ނަތީޖާ
އަކަށްވީ ތަރުޖަމާގައި އެތައް ކުއްތަކެއްހުރެ އެއިސްލާހުކުރުމުގެ
މަސައްކައް އަލުން ކުރަންޖެހުމެވެ. އަޅުގަނޑު ހަނދާންވާންފެށީއްސުރެ ދިވެހިން
ދީންއުގެނުމަށް މައިގަނޑު ގޮތެއްގައިބޭނުންކޮއް އުޅުނީ އެންމެފޮތެކެވެ. އެއީ ތަޢުލީމުދިޔާނާ
އެވެ. ތަޢުލީމުދިޔާނާ 2،1 އަދި 3 ކެވެ. އެއިން އެނގުނު އެއްޗެއް އެނގުނީއެވެ.
ނޭނގޭއެއްޗެއް ހޯދަން އުޅުނީމަ ކުއްވެރިވަނީއެވެ. ދެން މިއަށް ކިޔަންވީ
ދީންހިމާޔަތް ކުރުން ތޯއެވެ؟
ޢަރަބި އިސްލާމީ ތަޢުލީމު
ސައްތައިން ސައްތަ
އިސްލާމީގައުމެއްގައި ޢަރަބި ބަހުން ކިޔަވައިދޭ އެންމެ ދެސްކޫލް ހުރުމުން އެއީ އަދި
ޢަރަބި އިސްލާމީ ތަޢުލީމު ގައުމުގައި އާންމުވީކަމަކައް ނުވާނެއެވެ. 30 އަހަރުވީ
ޕީޕީއެމްގެ ސަރުކާރުގައި ތަޢުލީމާއި ގުޅުންހުރި ގަވައިދު ތަކާއި ސްކޫލްތައްހިންގުން
ބައްޓަން ކުރެވިފައި ހުރީ ދީނީ ކަންކަމަށް ކުދިން ލޯބިޖެހި ހޭލުންތެރި ކުރުވޭ
ފަދަގޮތަކައްނޫނެވެ. ނަމާދުކުރާނެ ތަންތަން ސްކޫލް ތަކުގައި ނުހުންނަތާނގައި
ނަމާދުވަގުތައް ބެލުމެއްނެތި ފާޑުފާޑު ކުލާސްތަކާއި ކުޅިވަރުތައް ރާވައި ހިންގުން
އެއީ އާންމުކަމެކެވެ. މިޔަށްވެސް ކިޔަންވީ ދީންހިމާޔަތްކުރުންތޯއެވެ؟ 'އިސްލާމް'
ކިޔާމާއްދާއެއް ކިޔަވައިދެނީ ނަމަކަށެވެ. ކުދިންގެ ޢަޤީދާ ހަރުދަނާކުރުމަށް
އެއްވެސްވަރެއްގެ އަހަންމިއްޔަތު ކަމެއް ނުދެއެވެ. ނުވަދިހައިގެ ކުރީކޮޅު ލޯވަރ
ސެކަންޑްރީ ގުރޭޑް ތަކުގައި ޢަރަބިބަސް ކިޔަވައިދިން ދުވަސްވަރެއް ދިޔައެވެ. ނަމަވެސް
ފަހުން އެކަން ނިމުމަކަށްއައެވެ. މިއިން އެއްވެސް ކަމަކީ ދީނަށް ފަރުވާކުޑަކޮށް
އަޅާނުލުންކަމުގައި ނުވެ ޢަރަބި ބަހުން ކިޔަވައިދޭ ސްކޫލަކަށް ދީފައިވާބިމެއް
ނެގުމައްފަހު ހުސްކޮއްބާއްވަން ނިންމިނިންމުން ލާދީނީ ކަމަކަށްް ވަނީ
ކޮންހަމައަކުން ތޯއެވެ؟
ދީންހިމާޔައްކުރުމުގެ ނަމުގަ މުޖުތަމަޢު
ފަސާދަކުރުން!
ދިގުދެމިގެންދިޔަ ޕީޕީއެމްގެސަރުކާރުން
އިސްލާމީ ތަރުބިއްޔަތާ އަޚްލާޤަށް އެއްވެސް އަހަންމިއްޔަތެއް ނުދިނުމުގެ ސަބަބުން
ގައުމުގައިވަނީ އެންމެހާ ނުބައި ކަންކަން އަށަގެންފައެވެ. ހަށިވިއްކާތަންތަން
މާލޭގައި އާންމުވެފައި ވަނީ އެމްޑީޕީ ގެ ސަރުކާރުގައި އެކަމަށް އަޅާނުލާތީކަމުގައި
ބުނެ އަޑުއެރުވިއެވެ. މިހާރު އެހުރިހާތަނެއް ކޮބައިތޯއެވެ؟ ޖައްވަށް، ފަޒާޔައް،
ވަޔައް އަރައިގެން ދިޔައީތޯއެވެ؟ ވެރިކަން ނިގުޅައިގަތްތާކުރީކޮޅު، ނޫސްތަކުގަ ސުރުހީ
އަޅާލުމުގެ ބޭނުމުގައި ސިފައިން އެފަދަތަންތަނުން މީހުން ހިފައިހައްޔަރު
ކުރާވާހަކަ އޮވެއެވެ. ނަމަވެސް އޭގެފަހުން ވާގޮތެއްނޭނގެއެވެ. ނޫސްތަކުން
އެނގުނުގޮތުގައި ކޯޓް މަރުހަލާއަށް ދިޔައީ އެފަދަ އެންމެމައްސަލަ އެކެވެ. ވީމާ
މިކަމަކީ ހަމަ ރައްޔިތުން ހައްދަން ކުރާކަމެއްތާއެވެ؟
ބުދުބެހެއްޓުން
އެއްވެސްމީހަކު ދެބަސްނުވާނެފަދަ
އަޅުކަންކުރަން ބޭނުންކުރާބޮޑުބުދެއް ރާއްޖޭގެ ރަށެއްގައި އެންމެފުރަތަމަ
ބެހެއްޓުމުގެ ޝަރަފު އަޅުގަނޑަށް އެނގިގެން ހޯދީ ޕީޕީއެމްގެ 30 އަހަރުވީ
ސަރުކާރުންނެވެ. އެއީ ލަނޑާގިރާވަރުގައި ބެހެއްޓި ބުދެވެ. އެކަމަކީ ބުދެއްބެހެއްޓުމުގެ
މާނައިގައި ބުދުދީނުގެ ސަޤާފައް ދައްކުވައިދޭން ކުރިކަމެކެވެ. އަދި މީގެ މާކުރިން
ރާއްޖޭގެ ވިޔަފާރިވެރިން ވަނީ ހެދުން އިޝްތިހާރުކުރުމައްޓަކައި ފިހާރަތަކުގައި
މެނެކުއީންސް ބަހައްޓާފައެވެ. މިވެސްހަމަ ބުދެވެ. މިބުދައްނުވެ އެމްޑީޕީ
ސަރުކާރުން އައްޑޫގައި ބެހެއްޓި މޮނިއުމެންޓްސްތައް ބުދައްވާނެ ގޮތެއް
އަޅުގަނޑަކައް ނުވިސްނެއެވެ. އެއްހަމަޔަކުން ވިސްނަވާށެވެ.
މިލިޔުން ކިތަންމެ
ދިގުކޮއްވެސްލިޔެވިދާނެއެވެ. 30 އަހަރުގެ ސަރުކާރުން ދީނަށް ވެފައިވާ އިހްމާލު
އެހާވެސް ބޮޑެވެ. މިހުރިހާ ނުބައެއްގެ މައިމުގުލުގައި ހުރީ ޕީޕީއެމްގެ 30
އަހަރުވީސަރުކާރުގެ ރައީސް އަދި ޕާރޓީގެ ޒަޢީމް މައުމޫން ޢަބްދުލް ޤައްޔޫމެވެ.
ޒަޢީމް ހިތްނޭދޭ ގޮތަކަށް ޕާޓީ ނުހިނގާނެއެވެ. އެކަން މިހާރުގެ ރިޔާސީކެނޑިޑެޓް
ޔާމީންވެސް ވަނީ ޔަގީން ކޮށްދީފައެވެ. ވީމާ ލާދީނީކިޔުން އެންމެ ޙައްޤުކަންބޮޑީ 30
އަހަރުވީ ޕީޕީއެމްގެ ސަރުކާރަކަށް ނޫންތޯއެވެ؟ މިއަދުވެސް ޕީޕީ އެމް ހިނގަމުން
އެދަނީ ހަމަ އެބީދައިންނެވެ. ބަލަމުން އެދަނީ ދީންހަތިޔާރަކަށް ހަދައިގެން
ވެރިކަމަށް އާދެވޭތޯއެވެ.