Thursday, November 14, 2013

ދީންޙިމާޔަތްވެ ނިމުނީ ތޯއެވެ؟

(Courtesy: Haveeru News)
މިސަރުކާރުގެ އެންމެ ބޮޑު ވަޢުދު ހަނދުމަފުޅު އެބަހުރިތޯއެވެ؟ އެއީ ދީން ޙިމާޔަތް ކުރުމެވެ. އެމް.ޑީ.ޕީ ގެ ސަރުކާރާއިދިކޮޅު ސިޔާސީފަރާތް ތަކާއި މަދަނީ އިއްތިހާދު ކިޔާ ޖަމާއަތަކުން 23 ޑިސެމްބަރި 2011 ގައި އިސްލާމް ދީނުގެ ޙިމާޔަތޭ، ވަޙުދަތޭ ކިޔައި ރޮއެހޭރުނު ދުވަސްމަތިން ހަނދުމަ އެބަހުރިތޯއެވެ؟ ދީން ޙިމާޔަތް ކުރުމުގެ ނަމުގައި އެކިއެކި ގޮތްގޮތައް އެމް.ޑީ.ޕީގެ ސަރުކާރަށް ދުއްތުރާކުރުމަށް ފަހު ފެބުރުއަރީ 2012 ގައި ބާރުގެ ބޭނުންކޮއްގެން އެމް.ޑީ.ޕީ ގެ ސަރުކާރު ވައްޓާލީއެވެ.

ސުވާލަކީ ދީން ޙިމާޔައް ކުރުމަކީ ކޮބައިތޯއެވެ؟ ދީނަކީ ޙިމާޔަތް ކުރަން ﷲ ބާވައި ލެއްވިއެއްޗެއްތޯއެވެ؟ އަޅުގަނޑައް އެނގިފައިވާ ގޮތުގައި ދީނަކީ ދިރިއުޅެންވީ މަގެވެ. ދީންބާވައި ލެއްވިފައިވަނީ އޭގައިވާގޮތައް ދިރިއުޅުމުގެ އެންމެހާކަންކަން ބިނާކުރާށެވެ. ވީމާ ދީނަށް ނަޞްރުދީ ކުރިއަރުވަން އެދޭމީހާ، ދީނުގެ ރުކުންތަކާއި ވާޖިބުތައް ފުރިހަމަޔަށް އަދާކޮށް، ދީނުގައި އަންގަވާފައިވާ ގޮތައް ތިމާގެ ޢަމަލުތައް ބައްޓަން ކުރުން ހުއްޓެވެ. މިއަކީ ރާއްޖޭގެ ވަކި ސިޔާސީ ޕާޓީ އަކައް ވޯޓުދީގެން ކުރެވެން އޮތްކަމެއްނޫނެވެ. މިކަންކުރެވޭނީ ތިމާ އަމިއްލައަށް ތިމާގެ ޢަޤީދާ ވަރުގަދަކޮށްގެނެވެ. ޢަޤީދާ ވަރުގަދަކުރުމަށްޓަކައި ﷲގެ އެއްކައުވަންތަކަން ދެނެގަނެ، އެކަލާނގެ ގިނަގިނައިން ހަނދުމަކުރުން ހުއްޓެވެ. އެއްވެސް ހާލެއްގައި ސިޔާސީޕޯޑިއަމް ތަކައްއަރައި ހިމާރުގެ އަޑުން ރޮއެހޭރުނަކަސް މިކަމެއްނުވާނެއެވެ.

އިސްލާމްދީނަކީ ކޮބައިކަމާއި ދީނުގެ އެންމެހާކަންކަން ބަޔާންކުރައްވައި ﷲ ބާވައިލެއްވިފޮތަކީ ޤުރުއާނެވެ. މާނައަކީ ޤުރުއާން ދެމިއޮތްހާހިނދަކު، އިސްލާމްދީން ދެމިއޮންނާނެއެވެ. ޤުރުއާން ބާވައިލެއްވީ ތިމަންﷲ ކަމާއި އެފޮތް ރައްކާތެރި ކުރައްވާނީވެސް ތިމަންﷲ ކަމަށް ޙިޖްރި ސޫރަތުގެ ނުވަވަނައާޔަތުގައި ﷲއަންގަވާފައިވެއެވެ. ވީމާ މިކަމަކާ މައުމޫން، ޔާމީން، އިމްރާން، ނޫނީ ޖާސިމް ކަންބޯޑުވާނެކަމެއް ނެތެވެ. މިއަކީ މިމީހުނާހަވާލުކުރެވިފައިވާ ކަމެއްނޫނެވެ. މިމީހުނައް އޮތީ ޤުރުއާނުގައިއަންގަވާފައިވާ ގޮތައް އުޅުމެވެ.

ދީންޙިމާޔައްކުރުން މިސަރުކާރުން މާނަ ކުރަނީ ދީނަށް ނަޞްރުދިނުމުގެ މާނައިގާނަމަ، މިސަރުކާރަށް ވޭތުވެދިޔަ 2 އަހަރުދުވަހު ހޯދައިދެވިފައިވަނީ އެމް.ޑީ.ޕީ ގެ 3 އަހަރުވީ ސަރުކާރަށް ހޯދައިނުދެވޭ ވަކިކޮންނަޞްރެއްތޯ ބަލާލަންޖެހެއެވެ. ވޭތުވެ ދިޔަދެއަހަރުދުވަހު ރައީސްކަންކޮއްފައިވަނީ ބައެއްމީހުން ބުނާގޮތުންނަމަ އޭނަޔައްވެސް ތިމާމީ ކޮންދީނެއްގެ މީހެއްކަން ޔަގީންނުވާ ހުޅަނގުގެ ފެނައްދިރިފައިވާ މުހަންމަދު ވަހީދެވެ. އިސްލާމިކް މިނިސްޓަރަކީ ހިލޭއަންހެނަކާ އެކުބަދުއަޚްލާޤީޢަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ، އެތައްބަޔަކު ޔަޤީން ކުރާ ޝައިޚް ޝަހީމެވެ. އޭރުވެސް އަދި މިހާރުވެސް ދިވެހިންނަކީ ނަމުން %100 މުސްލިމުންނެވެ. އޭރުވެސް އަދިމިހާރުވެސް އިސްލާމީ ޝަރީޢަތެއް މިތާކުނުހިނގައެވެ. އޭރުވެސް އަދި މިހާރުވެސް މާރާމާރިއާއި ފާޙިޝް ޢަމަލުތަކާއި މަސްތުވާތަކެތި ބޭނުން ކުރުންފަދަ ކަންކަމުގަ މުޖުތަމަޢު ހަލާކުވެ ގޮސްފައިވަނީ ފެންނަފެނުމަށް އެއްވަރަކަށެވެ. ނަޝީދުގެ ސަރުކާރުގައި ވަކިނުލިބޭ މިނިވަންކަމެއް، ފުރުސަތުތަކެއް ދީނީޢިލްމުވެރިންނަށްވެސް ލިބުނުކަމަކަށް ނުފެނެއެވެ. މަސާޖު ޕާލާއޭކިޔައި އަޑުއެރުވީ ސަރުކާރާހަވާލުވި ދުވަސްކޮޅު ގައެވެ. ފަހުން އެކަން ނިމިދިޔައީއެވެ. ވީމާ މިކަމުގަވެސް ދެސަރުކާރުގެ މާބޮޑު ތަފާތެއްނެތެވެ.


ވީމާ ޙިމާޔަތް ކުރަން މިއުޅެނީ ކޮންއެއްޗެއްކަން، ކިހެނެއްކަން މިހެން ގޮވާމީހުނަށްވެސް ޙަޤީގަތުގައި ނޭނގެއެވެ. ދީނުގެ ނަމުގަ އެކުރާކަމަކީ އާންމުން ހެއްދުމެވެ. މިއަކީ ދީނީ ކަމެއްނޫނެވެ.